މިއަދު ވަރަށް ވައި ނުސާފު ކަމަށާއި މާދަމާއިން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބަކަށް ވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 68 އަށްވުރެ މަތީގައެވެ.
އަދި މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 113ގައެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، ވިލިމާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 157 ގައެވެ.
އާންމު މިންގަޑުގައި އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެހެންނަމަވެސް އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެއްކަމަށް ކަމުގެ މާހިރުން ބުނެއެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 100 އަށްވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވާނެ ކަމަށް ދިރާސާތަކުންވެސް ދައްކައެވެ.




