ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައި މަސްތެރޭގައި ބީލަމަކަށް ހުޅުވާލެވޭނެ ކަމަށް ޞިއްޙީ ވަޒީރު، އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނެޝަނަލް ހެލްތު ލެބޯޓަރީ ޑިޒައިންކޮށް ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސަލްޓަންސީގެ ޚިދުމަތް ހޯދުމަށް ބައިނަލްއަޤްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ޓެންޑަރ ކޮށް ހޮވިފައިވާ ޖަރުމަނުގެ ކުންފުނި "ޖައިޓެކް“އާއެކު ޞިއްޙީ ވުޒާރާއިން 09 ނޮވެމްބަރ 2025 ގައި ވަނީ އެގްރީމަންޓުގައި ސޮއިކޮށްފައެވެ.
މި މަސައްކަތް ކުރުމަށް 1.2 މިލިޔަން ޑޮލަރަށް އެކުންފުންޏަށް ހަވާލުކޮށްފައިވާއިރު، މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ނެޝަނަލް ހެލްތު ލެބޯޓަރީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ކެމިކަލް އަދި މައިކްރޯބައޮލޮޖިކަލް ތަހުލީލުތައް ކުރުމާއި، ލެބޯޓަރީގައި ކުރާ ޓެސްޓްތަކަކީ ބައިނަލް އަޤްވާމީ ފެންވަރުގެ ޓެސްޓްތަކެއް ކަމުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް އިންޑަސްޓްރީ އަދި މިނޫންވެސް އެކި މުއައްސަސާތަކުގެ ބޭނުން ތަކަށް ކުރަންޖެހޭ ތަޙުލީލުތައް ކުރުން ހިމެނެއެވެ.
ވަޒީރު ވިދާޅުވީ އެމްއެފްޑީއޭއަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ޤައުމީ ޞިއްޙީ ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ. ސަބަބަކީ މިހާރު ގައުމީ ލެބޯޓަރީ ހިންގަނީ ޞިއްޙީ ވުޒާރާ ހިނގަމުންދާ އިމާރާތުގައިކަމަށާއި މި އިމާރާތަކީ މިފަދަ ތަނެއް ހިންގުމަށް ޖާގައިގެ ގޮތުންނާއި އެހެނިހެން ގޮތްތަކުންވެސް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ނެޝަނަލް ހެލްތު ލެބޯޓަރީއަކީ 9 ފަންގިފިލާގެ އިމާރާތެއް ކަމަށާއި، ޖާގަ ތަނަވަސް މި ލެބޯޓަރީން ދޭވޭނެ ޚިދުމަތްތަކުގެ ތެރޭގައި ވައިރޮލޮޖީ ރިސްކު ލެވެލް 2 އަދި 3 ގެ ވައިރަސްތައް ތަހުލީލުކުރުމާއި، ބެކްޓޮރޮލޮޖީގެ ދާއިރާއިން ބެކްޓީރީއާއި ގުޅުންހުރި ތަހުލީލުތައް ކުރުމުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާވެންދަނެ ކަމަށެވެ.




