އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއެހުމަށް ފަހުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އައު މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާން ކުރުމުން ޢާންމު ބައެއް ފަރާތްތަކުން ފާޅުކުރި ޝުއޫރާއި ގުޅިގެންނެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ބަންޑާރަ މިސްކިތަކީ އާސާރީ މިސްކިތެއް ކަމަށެވެ. އެހެންކަމުން އެ މިސްކިތް ނައްތާލުމަކީ، ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފަ އޮތް މިސްކިތެއް ނޫން ކަމަށެވެ. އެތަނުގައި ބޮޑު މިސްކިތެއް އިމާރާތް ކުރަން ގަސްތު ކުރީ، އެހެން ވެގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، އެ ވުޒާރާއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއެހުމަށްފަހު އެއާއި އެއްގޮތަށް ކަމަށެވެ. އައު މިސްކިތެއް ބިނާ ކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މާލޭ ބަންޑާރަ މިސްކިތާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ދު އިއުލާން ކުރެއްވީ، އިއްޔެއެވެ.




