މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމަށް މުހައްމަދު އިޝާން އައްޔަނުކޮށްފިއެވެ.
އިޝާން އަކީ ތައުލީމީ އަދި ތަޖުރިބާކާރު ޗާޓަރޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީ.އައި.އެމް.އޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.
2014 ވަނަ އަހަރު އެމް.އެމް.އޭ އާ ގުޅިވަޑައިގެންނެވި އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި، ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން ހިމެނެއެވެ. މި މަގާމުތަކުގައި އޭނާ ވަނީ މާލީ ކަންކަން ބެލެހެއްޓުމާއި މުއައްސަސާގެ އެތެރޭގެ ހިންގުމުގެ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކޮށްފައިވާ ހާއްސަ ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.




