މެދު އިރުމަތީގައި މިހާރު ދިމާވެފައި އޮތް ނުތަނަވަސްކަމާ ގުޅިގެން ރާއްޖޭގައި ނުފުރި ތާށިވި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން އިމިގްރޭޝަނުން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރުން ފެށިގެން އިސްރާއިލާއި އެމެރިކާއިން އަންނަނީ އީރާނަށް ހަމަލާ ދެމުންނެވެ. އީރާނުން ވެސް ރައްދު ހަމަލާތައް ދެމުން އަންނައިރު، އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.
މޯލްޑިވްްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓްތައް ކެންސަލްވުމާއި ގުޅިގެން ރާއްޖޭގައި މިވަގުތު ތިބި ބައެއް ފަތުރުވެރިންނަށް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން، އެ ފަރާތްތަކުން ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ރާއްޖެއިން ޓޫރިސްޓުންނަށް އޮންއެރައިވަލް ވިސާ ދެނީ 30 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވާ ޓޫރިސްޓުންނަށް އިމިގްރޭޝަން ވެބްސައިޓް މެދުވެރިކޮށް ވިސާ އިތުރުކުރަން ހުށަހެޅޭނެ އެވެ.
ހަނގުރާމައިގެ ސަބަބުން، ގަލްފް ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް މިއަދު އޮޕަރޭޓުކުރަން އޮތް 17 ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ. އިއްޔެ ވެސް 19 ފްލައިޓެއް ކެންސަލްވި އެވެ. ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭން ފުރަންތިބި 4،000އަށް ވުރެ ގިނަ ފަތުރުވެރިންނަށް ވަނީ އަސަރުކޮށްފަ އެވެ.




