ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ޕްލޭނަކީ އެއާޕޯޓުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، 2025ވަނަ އަހަރުގެ މެދުތެރޭގައި ދަރަވަންދޫ ފަޅު ހިއްކުމާ ގުޅޭ ކޮންސެޕްޓެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އެރަށުގައި ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މިހާތަނަށް އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފި ނަމަ ދަރަވަންދޫ ކައުންސިލަށް އެކަން ރަސްމީކޮށް އަންގާނެ އެވެ.




