ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ހިންގާ އެސްޕަޔަރ އަދި އެރައިޒް ޕްރޮގްރާމުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމާ ބެހޭގޮތުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މި ހަފުތާގައި މައުލޫމާތު ބަދަލުކޮށްފިއެވެ.
މި މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގައި 1.5 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 2 މެގަވޮޓްގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ބެހެއްޓުމާއި، އެ ސިޓީގެ ކަރަންޓު ވިއުގަ އިތުރަށް ތަރައްގީކޮށް ވަރުގަދަކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިހާރު ހުރި ކޭބަލްތައް އައު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ހަފުތާގައި ބޭއްވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، މަގުތައް ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާއިރު އާންމުންނަށް ކުރިމަތިވެދާނެ އުނދަގޫތަކާ ބެހޭގޮތުންނާއި، އެފަދަ ކަންކަން މަދުކުރުމަށް ރޭވިފައިވާ ކަންތައްތަކާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ ނިޒާމެއް ކަމަށްވާ 'ގްރީވަންސް ރެޑްރެސް މެކޭނިޒަމް' އާ ބެހޭ ތަފްސީލީ މައުލޫމާތުވެސް ބައިވެރިންނަށް ވަނީ އަރުވާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އިތުރުން ރަށުގެ ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




