ކުރިއަށް އޮތް ރޯދަމަހު މަރުކަޒީ ބޭންކު (އެމްއެމްއޭ)އާއި ބޭންކުތަކުން ހިދުމަތްދޭނެ ގަޑިތައް ޢާންމުކޮށްފިއެވެ.
ރޯދަމަހު ބީއެމްއެލް ހުޅުވާފައި ހުންނާނީ، ހެނދުނު 09:30 މެންދުުރު 12:30އާ ހަމައަށް ކަމަށާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އެބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ބީއެމްއެލްއިން ބުނީ، ރޯދަމަހު އެ ވަގުތުތަކުގައި ބޭންކް ހުޅުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރޯަދަމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ރޯދަމަހު މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ)އިން ހިދުމަތްދޭ ގަޑިތަކަށް ބަލާއިރު ހެނދުނު 09:00 އިން މެންދުރުފަހު 13:00އާ ހަމައަށް ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ބީއެމްއެލާއި އެމްއައިބީން މި ރަމަޟާން މަހު ޚިދުމަތް ދޭ ގަޑިތައް ޢާންމުކޮށްފައިވާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭއިންވެސް ވަނީ ރޯދަމަހު ހިދުމަތް ދޭ ގަޑިތައް ޢާންމުކޮށްފައެވެ.
އެގޮތުން ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު، ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30 އިން މެންދުރު 12:30އާ ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ހަމަ މިވަގުތުތަކުގައި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަންނަމުންދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.
ރަމަޟާން މަހަކީ، އޮފީސްތަކުގައި މަސައްްކަތް ކުރާ ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެކެވެ. ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




