ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އެކަމަށްޓަކައި ދ. މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙުމަދު ސަޢުދީއާއި، އެކުންފުނީގެ އިސްވެރިންގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
އާރްޓީއެލްގެ ޚިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. އެމްޓީސީސީން ވިދާޅުވީ، މި އަތޮޅުގައި ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެއް ކަމަށެވެ.
ދ. އަތޮޅުގައި ޖުމުލަ 3 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ އަތޮޅު ތެރޭގައި ދަތުރުތައް ކުރާ 2 ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ.




