ކޯރަމް ހަމަނުވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުން ކުރިއަށްގެންދެވެން ނެތްކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދުގެ ޖަލްސާ ކުރިއަށްނުގެންދެވައި ކެންސަލުކުރެއްވީ، ކޯރަމް ހަމަވެފައި އޮއްވައި ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ އާޒިމް ކައުންސިލުގެ ބައްދަލުވުން ކުރިއަށްނުގެންދެވީ ކޯރަމް ހަމަވެ، ޖަލްސާ ކުރިއަށްގެންދިއުމުގެ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަވެފައި އޮއްވައި ކަމަަށެވެ. އަދި އެއީ މާލެ ސިޓީ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރައްވައިގެން މާލޭ ރައްޔިތުންނަށް ވެވަޑައިގަންނަވާ އިހުމާލެއް ކަމުގައިވެސް އަރީޝު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިޢުލާނުކޮށް މޭޔަރު އާދަމް ޢާޒިމް ވަނީ މި ޖަލްސާވެސް ކުރިއަށް ނުގެންގޮސް ނިންމާލާފައި. މިއީ، މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ…
— Mohamed Areesh (@attuareesh) February 17, 2026
އަރީޝް ތުހުމަތުކުރެއްވީ މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހަަކީ ކޮންމެ ހަފުތާއެއްގެ ބުދަދުވަސް ކަމުގައި ކަނޑައަޅުއްވައި އެކަން އެގޮތަށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެފައިވަނިކޮށް، މިއަދު ކުއްލި ގޮތަކަށް ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް މޭޔަރު ނިންމެވީވެސް ކޯރަމް ހަމަނުވުމުގެ އިލްޒާމް ކައުންސިލަރުންގެ އިސްތަށިފުޅުގައި އެޅުއްވުމަށް ކަމަށެވެ.
ކުއްލިއަކަށް ކައުންސިލު ބައްދަލުވުމެއް ތާވަަލުކުރުމުންވެސް މިއަދުގެ ޖަލްސާއަށް މޭޔަރު ހިމެނިވަޑައިގަންނަވާހެން ދިހަ ބޭފުޅުން ވަޑައިގެންނެވިކަން ފާހަގަކުރައްވައި އަރީޝްވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ކައުންސިލަރުންގެ ލިސްޓުވެސް އާއްމުކުރައްވާފައެވެ.
10 ކައުންސިލަރުން ގަޑިއަށް ހަމަވެ، ކޯރަމް ލިބިފައި ވަނިކޮށްވެސް، ކޯރަމް ހަމަނުވާ ކަމަށް އިޢުލާނުކޮށް، ވަރަށް ޚުދުމުޚްތާރު ގޮތަކަށް މޭޔަރު އާދަމް ޢާޒިމް ކެންސަލްކުރި މި ޖަލްސާއަށް އެޖެންޑާކޮށްފަައި އޮތް އެއްކަމަކީ، ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުން. ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށް ދިނުމަކީ، މިއަހަރުގެ ޖެނުއަރީމަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއް ކަން އަރީޝް ފާހަގަކުރެއްވިއެވެ.
އަދި އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި ވަނީ މާލެ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައި. ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ފްލެޓްތަކުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މިކަން ނިންމަވާ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމުގެ މަޢުލޫމާތު ސިނަ މާލެ ފްލެޓްތަކުގެ ރައްޔިތުންނަށް ދެއްވާފައިވާކަންވެސްފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




