ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށާއި މިއަދާއި ކުރިއަށް އޮތް 5ދުވަހު މުޅި ރާއްޖެއަށް އޭގެ އަސަރު ކުރާނެތީ ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓު) އޮފީހުން އިލްތިމާސް ކޮށްފި އެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.
އެންމެ ބޮޑަށް މިއަދު ދުންފުހުގެ އަސަރުކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށެވެ. އެ ގޮތުން، މޫސުމާ ބެހޭ ރިޕޯޓުތަކުގައި ވާގޮތުން ދުރުފެންނަ މިންވަރު ތިން ކިލޯމީޓަރަށް ވުރެ ރިޕޯޓުކުރަމުންދާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ވައިގެ ސާފު މިން އާންމުކުރާ އައިކިއު އެއާ ވެބްސައިޓުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގެ އެއާ ކުއަލިޓީ އިންޑެކްސް އުޅެނީ ޑަބްލިއުއެޗްއޯއިން ސާފުކަމަށް ބަލާމިންގަނޑަށްވުރެ ދަށްކޮށެވެ.
މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް އެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެ އެވެ.
އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




