މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް މަޝްހޫރު ވިޔަފާވެރިޔާ ޗަމްޕާ ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ. އަފީފް މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި އެ ޖަމްޢިއްޔާގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.
މި ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި، ދައުލަތުގެ އެހެނިހެން ވުޒާރާތަކުގެ އިތުރުން އެކި ކުންފުނިތަކުގެ 112 މެންބަރުންނާއި ހިއްސާދާރުން ބައިވެރިވެފައިވެއެވެ. ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޗެއަޕާސަން ޙުސައިން އަފީފް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޓީން އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި މަޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި މަޓީގެ ކުރީގެ ޗެއަރމަން، ނިޔާވެފައިވާ އަލްމަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާން އައު ކުރިއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެމަނިކުފާނު ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، މަޓީގެ ފުރަތަމަ 'މެންބަރ އޮފް އޮނަރ' ގެ ލަޤަބު އެމަނިކުފާނަށް ވަނީ އަރުވާފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މަޓީން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލައި، އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް ވެސް ވަނީ މި ޖަލްސާގައި ފާސްކޮށްފައެވެ.
މި ޖަލްސާގައި 2026 އިން 2029 އަށް މަޓީ ހިންގާނެ އެގްޒެކެޓިވް ބޯޑު އިންތިޚާބުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް އޮޑިޓަރުންގެ ގޮތުގައި ފާރިސް އެންޑް ކޯ އެލްއެލްޕީ ހަމަޖައްސާފައިވާއިރު، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން މިއަހަރުގެ ރެގިއުލޭޓަރީ އެޖެންޑާއާއި މަސައްކަތުގެ ޕްލޭންގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.
ޖަލްސާ ނިންމަވާލައްވަމުން އަލަށް އިންތިޚާބުވި ސެކްރެޓަރީ ޖެނެރަލް އަސަދު ޢަލީ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އޮތުމާއި އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. މަޓީއަކީ ރާއްޖޭގެ 120 އަށްވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު ޖަމްޢިއްޔާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




