އެކި ސަބަބުތަކާ ހުރެ ކޯޓްތަކުގައި އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް ބަލަން ޓާސްކް ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ގަޟާއީ އަހަރު 2026" އިފްތިތާހް ކުރުމަށް މިރޭ ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވާ އެއް ކަމަކީ އެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމައި އިންސާފް ގާއިމްކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، 13000 އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިމުނު އިރު ކޯޓުތަކުގައި ބެކްލޮގްގެ ގޮތުގައި އެބަ އޮތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލަތައް ނިންމަން މަސައްކަތް ކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީ ކުރާނެ ކަމަށް ލަފާކުރެވޭ 21،000 މައްސަލަ ކުރިއަށް ގެންދަން ދަތިނުވާނޭ ގޮތަކަށް ކަމަށެވެ.
އެގޮތުން ބެކްލޮގްގައި ހުރި މައްސަލަތައް ވިލަރެސް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް މި މަހު 10ގައި އެކުލަވާލާނެ ކަމަށެވެ.
"އެ ޓާސްކްފޯހުގެ ފަރާތުން މީގެތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓްނުވަތަ ގާޒީނުވަތަ ފަނޑިޔާރުގެ ގާތުގައި އަހައި އޮޅުންފިލުވުމަށްފަހު ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންދިއުމުގައި މަގުފަހިކޮށްދެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެ މައްސަލަތައް ނުނިމި ލަސްވުމުގައި ދައުލަތުގެ އިދާރާއެއްގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމެއް ނުލިބިފައިވާ ނަމަ، އެ އިދާރާއަކާ މަޝްވަރާ ކޮށްގެން މަސައްކަތް ކުރާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތައް ހަރުދަނާކަމާ އެކު ހިނގާ ކަމަށް ގަބޫލު ކުރެވޭނީ ލަސްވުމެއްނެތި އިންސާފު ގާއިމްވެގެންދާ ތަން ފެނިގެން ކަމަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަން އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


