މާލޭ ނޯތު ހާބަރު ބޭރުތޮށީގައި އޮއްވައި، ދިޔަވާން ފެށި "ރަސްރީތި" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުން ދިޔަ ހިއްކުމުގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ސަރަހައްދުގައި އަޅާފައި އޮއްވައި، އެ ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:38 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް، ޑައިވްކޮށްގެން އެ ބޯޓްގެ އަޑިން އެއްވެސް ގެއްލުމެއް ވެފައިވޭތޯ ވަނީ ބަލާފައެވެ. އަދި ބެލުބެލުމުން އެއްވެސް ގެއްލުމެއް ވެފައި ނުވާކަން އެނގިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އޭގެ އިތުރުން، އެމްއެންޑީއެފް ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ޕަންޕު ބޭނުންކޮށްގެން އެ ބޯޓުން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ދިޔަހިއްކުމަށް ކުރި މަސައްކަތުން، މިއަދު 09:51 ހާއިރު ވަނީ ބޯޓުގެ ދިޔަގަނޑު އެއްކޮށް ހިއްކާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


