ރާއްޖެއަށް އިއްޔެ 10،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އައު ރިކޯޑެއް ޤާއިމްކޮށްފިއެވެ.
މިގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ފެބުރުވަރީ 1 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ އެއް ދުވަހުގެ އެންމެ ގިނަ ފަތުރުވެރިންގެ ރެކޯޑު މުގުރާލި ފަހަރެކެވެ.
މީގެ ކުރިން މި ރެކޯޑު އޮތީ 2024 ފެބުރުވަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10,213 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 235،041 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. މިގޮތުން ރަޝިއާއިން 30،484 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 24،576 ފަތުރުވެރިންނެވެ. އަދި ލިސްޓުގެ ތިންވަނައިގައިވާ އިޓަލީން ޒިޔާރަތްކުރީ 24،498 ފަތުރުވެރިންނެވެ.
އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


