ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.
ވަޒީރު ޑރ. ޚަލީލް ދުބާއީ އަށް ވަޑައިގަންނަވަނީ މިހިނގާ ފެބްރުވަރީ މަހުގެ 3 އިން 5 އަށް އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) ގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026' ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ވަރލްޑް ގަވަރންމަންޓްސް ސަމިޓަކީ ޔޫ.އޭ.އީ. ގެ ނާއިބު ރައީސް އަދި ބޮޑުވަޒީރު، ހިޒް ހައިނެސް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. "ޝޭޕިންގ ފިއުޗަރަ ގަވަރންމަންޓްސް" މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުވެސް ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވެގެންދާނެ ވަރަށް މުހިންމު ޕްލެޓްފޯމަކަށެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މި އަހަރުގެ ވަފުދުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
އަދި މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ. އާދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މިސަމިޓުގެ ސަބަބުން ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް، ސަފީރުގެ ނާއިބު އަލްފާޟިލް ޙައްސާން ވަޙީދު އަދި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


