ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
އަދި ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށާއި، މައްސަލައާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް އަންގައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


