ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ހުޅުމާލޭ ފޭސް 1 ގެ، ޗަނބޭލީ ގޯޅީގައި 6 ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
އަދި މި އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ހާމަކުރެއެވެ
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 03:30 ހާއިރު ކަމަށާއި، އެ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށާއި، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


