އާދަމް ޝަރީފް ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން ދުރާލައި ނިންމައި، އެމްޕީއެލްއާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިވަގުތު މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މަސްދަޅު ކޭސްގެ ސްޓޮކް ހުންނާނެ ކަމަށެވެ. އަދި މި ހަފުތާ ނިމެންވާއިރަށް ހުރިހާ ރަށެއްގައިވެސް މަސްދަޅު ކޭސް ބަހަން ފަށައި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ލަސްވެގެން މިހަފުތާ ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައިވެސް ބެހުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެކަމަށް. އަޅުގަނޑުމެން ޓާގެޓް މިކުރަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ކުރިން އެއްކޮށް މި މަސައްކަތް ނިންމާލުން. އަޅުގަނޑުމެން ވަރަށް އުފާކުރަން މިކަހަލަ ކަމެއް ކުރިއަށްދާއިރު ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބެމުން އެބަދޭ، އަދި ތަރުހީބުވެސް ވަރަށް ބޮޑު އިނގޭތޯ،" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


