ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލާގައި ރުގުޔާކުރި މީހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަދި އެކަން ކުރަން އެހީތެރިވެދިން މީހާގެ މައްޗަށް 6 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
އަންހެނަކާއި، އޭނާގެ އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް އެކިއެކި ދުވަސްމަތިން ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރީ 30 ޑިސެމްބަރު 2020ގަ އެވެ. ރ. ކަނދޮޅުދޫ އަށް ނިސްބަތްވާ އެ ދެމީހުންގެ މައްޗަށް ޖުމްލަ 12 ދައުވާއެއް ކުރި އެވެ. އެއީ:
- އިސްމާއީލް ވަހީދު، މިރިހިމާގެ، މައްޗަށް ހަތް ދައުވާ
- މުހައްމަދު އަސީލް، ދިލްސާދުއާގެ، މައްޗަށް ފަސް ދައުވާއެއް
މި ހުރިހާ ދައުވާއެއް ސާބިތުވެ، އިސްމާއިލް ވަހީދުގެ މައްޗަށް މިއަދު ވަނީ، ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި މުހައްމަދު އަސީލުގެ މައްޗަށް 6 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
އިސްމާއިލް ވަހީދުގެ މައްޗަށް ވަނީ، ކުޑަކުދިން ހިމެނޭހެން އަންހެންމީހާއަށް ޖިންސީ ގޯނާކުރުމާއި، ހުއްދަ ނޫން ގޮތުގައި އެމީހުން ހިފަހައްޓައިގެން އެކުދިންގެ ކުރިމަތީގައި، އެކުދިންނަށް ދެއްކުމުގެ ނިޔަތުގައި ޖިންސީ އަމަލެއް ކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ.
މުހައްމަދު އަސީލުގެ މައްޗަށް ދައުވާކުރީ، ގޯނާކުރާކަން އެނގިހުރެ ގޭތެރޭގައި އަންހެންމީހާ އާއި ކުޑަކުދިން ހިފަހައްޓަން އެހީތެރިވެދިނުމުގެ ތުހުމަތުގަ އެވެ. އެހެންވެ، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުން ހިމެނޭހެން، ހުއްދަނޫން ގޮތުގައި ހިފަހައްޓައިގެން އެކަން ކުރަން މަގު ފަހިކޮށްދިނުމުގެ ކުށުގައި އޭނާއަށް ދައުވާ ކޮށްފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


