ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހޫދުގެ މައްޗަށް ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވުމުން 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މިއާއެކު އޭނާއަށް ވަނީ ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ 23 އަހަރުގެ ޖަލު ޙުކްމްއެއް އިއްވާފައެވެ.
2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާހަމައަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުން ހުރި ވަކި ވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް ޖުމްލަ 5 ދަޢުވާއެއް މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް 3 ދަޢުވާ ސާބިތުވިނަމަވެސް އަނެއް 2 ދަޢުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


