ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރިޑްގެ ހަމަޖެހުން އިތުރުކޮށް، ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.
އަދި މި ނިޒާމު ހިންގަން ފެށުމާއެކު، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަހަރަކު 120,794 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި ކޮންމެ އަހަރަކު 296 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ބޭރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ބެލެވިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ރަސްގެތީމުގައި ބެސް އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




