ދިރާސީ އާ އަހަރުން ފެށިގެން ގްރޭޑު 10 އަކުން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިއުން މަނާވާނެ ކަމަށާއި، ގްރޭޑު 11 އިން މަތީގެ ގްރޭޑުތަކުގެ ދަރިވަރުންނަށް ކްލާސް ގަޑީގައި ފޯނު ބޭނުންނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފުރަަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު މިރޭ ބާއްވަމުންދާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލުތަކުގައި ފޯނު ބޭނުންކުރުމަކީ، ގްރޭޑުު 10އިން ދަށުގެ ދަރިވަރުންނަށް މިހާރު ވެސް މަނާ ކަމެއް ކަމަށާއި އެކަމަކު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.
އެހެންވެ، މިފެށޭ ދިރާސީ އަހާރާއެކު ގްރޭޑް10ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭގޮތް ހަރުކަށިކުރާނެ ކަމަށާއި10 ދަށުގެ ދަރިވަރުންނަށް ސްކޫލުތަކުގައި ފޯނު ނުގެންގުޅެވޭނެކަން ކަށަވަރުކުރަން ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، ގްރޭޑު 11 އާއި 12ގެ ދަރިވަރުންނަށް ކްލާސް ގަޑީގައި ފޯނު ގެންގުޅުން އެއްކޮށް މަނާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ދަރިވަރުންގެ ކްލާސް ރޫމުތަކުގައި އާ ދިރާސީ އަހަރު ފެށުމާއެކު ލޮކާ ސިސްޓަމްތަކެއް ބެހެއްޓޭނެ ކަމަށާއި ކްލާސް ގަޑީގައި ފޯނުތައް ބާއްވަންޖެހޭނީ އެ ލޮކާގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ލޮކަރަށް ލައި ބަންދުކޮށްފައި ކްލާސް ގަޑީގައި ކިޔަވައިދެމުންދާ ގަޑީގައި ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯން ލިބޭ ގޮތަށް ބަދަލުކުރާނަން ދިރާސީ އާ އަހަރު ފެށުނީމައި،" ރައީސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




