ހުޅުމާލެ ފުރަތަމަ ފިޔަވަހީން ބަންޑާރަ ގޯތި ލިބިފައިވާ މީހުން ގޯތިތަކަށް ދައްކަންޖެހޭ އަގަށް 10%ގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފުރަަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު މިރޭ ބާއްވަމުންދާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގުރުއަތުލައިގެން ދިރިއުޅުމުގެ ބޭނުމަށް މީގެ ކުރިން ހުޅުމާލެ ފުރަތަމަ ފިޔަވަހީން ދޫކޮށްފައިވާ ފައިސާ ދައްކައިގެން އަމިއްލަަ ކުރަންޖެހޭ ގޮތަށް ދޫކޮށްފައިހުރި ބަންޑާރަ ގޯތިތަކުގެ އެއްބަސްވުމުގައި އޮންނަ ޖުމްލަ އަގުން %10 ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އޭގެތެރޭގައި ބިޑްކޮށް ބީލަން އުސޫލުން ގަނެފަ ހުރި ގޯތިތަކެއް ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފަ ހުރި ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފަހުރި ފަރާތްތަކުގެ އެގްރީމެންޓުގަ އޮންނަ ޖުމްލަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭނަން. އެހެންވީމަ ބާކީ ދައްކަވަން އިންނަ އަދަދު އެބައި ކެނޑިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ ގޯތިތަކުގެ ތެރެއިން ވަރަށް ގިނަ ގޯތިތަކަށް ދައްކަންޖެހޭ ފައިސާ ގާތްގަނޑަކަށް ދައްކައި ނިމިފައިހުރި މީހުން ވެސް ތިބޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އެ ގޯތިތަކުގެ އަގު ދެއްކުމަށް ލުޔެއް ދީފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




