ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފްކޮށްދީފައެވެ.
ޖޫރިމަނާ މަޢާފްކޮށްދީފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެޗްޑީސީން ބުނެއެވެ.
ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
މައާފްކޮށްދީފައިވަނީ މިިދިޔަ އަހަރުގެ ޖަނައަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.
2 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4984 ރުފިޔާއެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެޗްޑީސީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




