މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާ، ޓަރމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި 2 ފަންގިފިލައިގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.
އޭޕްރަންއަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 އެއަރ ކްރާފްޓު ޕާކު ކުރެވޭނެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައިލެންޑް އޭވިއޭޝަން ސަރވިސްގެ ދަށުން ޚިދުމަތްދެމުން އަންނަ އެއަރޕޯޓެކެވެ. އެކުންފުނީގެ ބެލުމުގެ ދަށުން އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހު ވަނީ، މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާލާފައެވެ. އައިލެންޑް އެވިއޭޝަނުން ވިދާޅުވީ، އަލަށް ހުޅުވި މިބަޔާއިއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން މާފަރު އެއަރޕޯޓުގެ ޓަރމިނަލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، އިތުރު ޓަރމިނަލް ޢިމާރާތެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިންގާވެސް އަޅާފައެވެ.
ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން 2 ފަންގިފިލައަށް ތަރައްޤީ ކުރާ މިޢިމާރާތުގައި 12000 އަކަފޫޓޫ ހުންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިޢިމާރާތާއެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް ޚިދުމަތް މިހާރަށްވުރެ ފުޅާކުރެވޭނެ ކަމަށް އައިލެންޑް އެވިއޭޝަނުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




