ބަޔޯމެޓްރިކްސް ދީފައިވާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން ތިން މަސް ދުވަސް ދިނުމަށްފަހު، އަންނަ އަހަރުގެ އެޕްރީލުން ފެށިގެން އެކަން ނުކުރާ މީހުން ޑީޕޯޓުކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މިހާތަނަށް 2،2000 ބިދޭސީންގެ މައުލޫމާތު އެއްކުރެވި، ސިސްޓަމަށް އެޕްޑޭޓްކުރެވިފައިވާ ކަމަށެވެ. އަދި، މިދިޔަ މަހުގެ 15 އިން ފެށިގެން މިއަދާ ހަމަޔަށް، ފިންގާޕްރިންޓު ނުދީ، ރާއްޖޭގައި އުޅޭ 509 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެޔާއެކު މުޅި ޖުމްލަ ޑީޕޯޓުކުރެވިފައިވާ ބިދޭސީންގެ އަދަދު އުޅެނީ، 9696ގައި ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށާއި ސައްހަ ވޯކް ޕާމިޓެއްނެތި، އަދި ހަވާލުވާނެ މީހަކު ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން އަންނަ އެޕްރީލް 2ގެ ނިޔަލަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ. އޭގެފަހުންވެސް، އެކަން ނުކޮށްފިނަމަ ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ހުރިހާ ބިދޭސީން ހިފާ ހައްޔަރުކުރުމުގެ މާސް އޮޕަރޭޝަނެއް ފެށިގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކަށްވާނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންނަކީ ކާކުކަން އެނގޭ 100 އިންސައްތަ ބައިމެޓްރިކަލީ އައިޑެންޓިފައިކުރެވޭ މީހަކަށްވުން ކަމަށާއި ކޮންމެ މީހަކީ އެމީހަކަށް ޒިންމާވާނެ ވެރިޔަކު ހުރެފައި އެމީހަކު ޒިންމާކުރެވޭނެ މީހަކު ހުރި މީހަކަށްވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި، އޭރުން އެމީހަކު އުޅޭ ތަނާއި ހުރިހާ މައުލޫމާތެއް ސިސްޓަމްގެ ތެރެއިން ބެލޭނެ އިންތިޒާމުތަކެއް ހަމަޖެހި، ޖަވާބުދާރީވެވޭނެ ގޮތަށް ބިދޭސީންގެ މައުލޫމާތު ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިިނިސްޓްރީން އެކަމާގުޅިގެން މިއަދު ކުރި އިއުލާންގައި ވާގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ. އެ ޝަރުތުތަކަކީ:
- ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
- އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން
- ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން
- ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުން
- ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
- އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން
- 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން
މިގޮތުން ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް އިއުލާންގައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


