މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ، ހިލޭ ދޫކުރާނެކަމަށާއި މި ފުރުސަތުގެ ބޭނުން ޖަމިއްޔާތަކުން ހިފުމަށް އެދޭކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމަށް މި ވުޒާރާއިން ދޭ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ.
އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިންގ ސްޕޭސް“ ކަމަށެވެ. މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި، އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




