ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ސްެރީލަންކާއަށް އެހީވުމުގެ ގޮތުން 50 ހާސް ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރައްވަން ދިވެހި ސަރުކާރުން ނިންމިކަން ހާމަކުރީ މިދިޔަ ހޮނިހިރުދުވަހުއެވެ. މީގެ ތެރެއިން 50 ހާސް ޑޮލަރުގެ ފައިސާގެ އެހީ މިއަދު ވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކުރައްވާފައެވެ.
ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށެވެ.
ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




