މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި އެކުށުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، ދައުވާކުރި އޮފިސަރުންގެ ތެރެއިން ކުށަށް އިއުތިރާފުވި އޮފިސަރުގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މި މައްސަލާގައި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހިމެނޭ ގޮތަށް ފަސް އޮފިސަރަކަށް ދައުވާކުރިއިރު، ކުށަށް އިއުތިރާފުވީ މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި އެވެ. މީނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލީ، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، އަދި އެކަމުގެ ރަސްމީ ހުއްދައެއް ނެތި، އުސޫލުތަކާ ހިލާފަށް މ. އޯރްމަންގޭގެ އެންމެ ތިރީ ބުރިއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށް ފަހު، "އިމިގްރޭޝަން ޗެކަށް އައީ" ކަމަށް ބުނެ، އެ ގޭ ތެރެއަށް ވަދެ، ގެ ބަލައި ފާސްކޮށް ހަދައި އެ ގޭތެރޭގެ ފޮޓޯ ނަގާފައިވާތީ އެވެ.
އަލްސަންގެ މައްޗަށް މިއަދު ދެ މަހުގެ ޖަލު ހުކުމެއް އިއްވީ، އޭނާއާ އެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ. މިއަދު އިއްވި ހުކުމުގައި ވާގޮތުން، ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އައީ، ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމަކާއެކު، ޖޫރިމަނާގެ ގޮތުގައި 45،000ރ ކުރިއަށް އޮތް އަހަރު ދުވަސްތެރޭ ދެއްކުމަށެވެ. އަދި، މި މައްސަލަގެ ބަންދުގައި އޭނާ އެ މުއްދަތު ހޭދަކޮށްފައިވާތީ، ތަންފީޒުކުރާނެ ޖަލު އަދަބެއް ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




