އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި ޢިމާރާތް ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މިއަދު ފަށައިފިއެވެ.
މި މަސައްކަތަކީ ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއަދު ހެނދުނު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ބައްލަވައިލައްވައިފައެވެ.
މި ޢިމާރާތް ތަޅައިލަން ނިންމީ އެ ޢިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ޙާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުންނެވެ.
ޢަރަބިއްޔާ ސްކޫލް ހިންގި ޢިމާރާތް ތަޅައިލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ފަދަ ޙާލަތްތަކުގައި ހުރި، އަދި އެ ފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ ޢިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން 4 ޢިމާރާތެއް ތަޅައިލުމުގެ މަސައްކަތް ވަނީ މި މިނިސްޓްރީން މީގެ ކުރިން ނިންމާފައެވެ.
އެއީ މއ. ރަބީޢުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ. މިނިސްޓްރީއާ ތަޅައިލަން ޙަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރީގެ ކްރިމިނަލް ކޯޓު ހިންގި ޢިމާރާތުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށޭނެ ކަމަށް ލަފައިކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




