ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝައަލް ސާވިސް ކޮމިޝަން، (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ކްރިމިނަލް ކޯޓުގެ ޤާޒީ ފާއިޒް ގާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާކަން، ތަޙްގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.
އެހެންކަމުން، ޤާޒީ ފާއިޒްގެ މި ޢަމަލަކީ، ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވާ އަމަލަކަށްވާތީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.
ޤާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަނީ ކޮން މައްސަލައެއްގައި ކަމެއް ޖޭއެސްސީން ހާމަނުކުރި، ނަމަވެސް އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
ގާޒީ ފާއިޒް އާއި ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




