ވިލިމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރަމަށާއި، އެތަން މަރާމާތު ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވިލިމާލޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ނަޒީމެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ޞިއްޙީ ވުޒާރާއާއި އައިޖީއެމްއެޗްއާ ގުޅިގެންވަނީ މަސައްކަތް ކޮށްފައެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




