ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް، އިޓަލީގެ އެކުއިލޭއާގެ މޭޔަރު އެމަނުއެލް ޒޮރީނޯއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ 2025 ވަނަ އަހަރުގެ މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް އަދި ވެންޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް ޓްރެވަލް އޭޖެންޓްސް ކޮންފަރެންސްގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި، ސަޤާފީ އަދި ތާރީޚީ ތަންތަން ފަތުރުވެރިންނަށް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.
ޑރ. ޢަބްދުﷲ ނިޔާޒް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު މޭޔަރު އެމަނުއެލް ޒޮރީނޯއަށް ހާމަކޮށްދެއްވާފައެވެ. އަދި، އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބާޒާރެއް ކަމަށާއި، މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މޭޔަރު އެމަނުއެލް ޒޮރީނޯ ވެސް ވަނީ ރާއްޖެއާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




