ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ) އިން ރާއްޖެއަށް "އިންޓެގްރިޓީ އެވޯޑު" ދީފިއެވެ.
އިންޓެގްރީ އެވޯޑު ރާއްޖެއަށް ހަވާލުކުރެވުނީ މި މަހުގެ 17 އިން 22 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ "ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)" ގެ ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހިރާއްޖެއަކީ އެފް.ސީ.ޓީ.ސީ ގެ މެންބަރު ޤައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވެއެވެ.
ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ.
ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމްޢިއްޔާއިން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމްޢިއްޔާއިން ކޮންމެ 2 އަހަރަކުން، 1 އަހަރު ޝާޢިޢުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ ސްކޯރ ހިމެނެއެވެ. މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުއްފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްޢިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެއެވެ.
ޖީ.ޖީ.ޓީ.ސީ އަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




