މިޒަމާނުގައި ހަޤީޤީ މިނިވަންކަން ލިބިގެންދާނީ މާލީގޮތުން މިނިވަންވެގެން ކަމަށާއި، މިސަރުކާރުގެ އަމާޒަކީވެސް ހުރިހާ ދިވެހި ރައްޔިތުންނަށް އެކަން ހާސިލްކޮށްދިނުން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެންވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން، ޕީއެސްއެމްއިން ގެނެސްދޭ ހަފްތާ 104 ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ހުރިހާ މާނައެއްގައިވެސް މިނިވަން ބައެއްގެ ގޮތުގައި ހެދުމަށް، މިނިވަން ދިވެހިރާއްޖެއެއް ދިވެހިންނަށް ހޯދައިދީ، ދިވެހިންނަކީ އިޤްތިސޯދީ ގޮތުން މިނިވަންބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ މިޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންވެވިގެން. އެހެންވީމަ އަޅުގަނޑުމެން، ރައީސް މުޢިއްޒުގެ އެންމެބޮޑު އެއް އަމާޒަކީ އިޤްތިޞާދީ މިނިވަންކަން ހޯދައިދިނުން. އިޤްތިޞާދީ މިނިވަންކަން ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ލިބިފައި އޮންނާނެ އިރާދަކުރެއްވިއްޔާ ރައީސް މުޢިއްޒުގެ ފަސްއަހަރު ނިމޭއިރު،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު މިދާގޮތުން ކުރިއަށްދާނަމަ ދަރަނި މެނޭޖުކުރެވި، އިތުރު އިންވެސްޓްމަންޓްތަކާއި އެކު ލިބޭ އާމްދަނީއާއެކު އިޤްތިޞާދު ޑައިވަރސިފައި ކުރެވި، އަމިއްލަ މަސައްކަތްކޮށްގެން ހިންގޭ ޕްރޮޖެކްޓްތަކުން އާމްދަނީ ހޯދައި، އަދި ޑިވެލޮޕަރުންނާއިއެކު ކުރެވޭ މަސައްކަތުން އެހެން ފަރާތަކަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވެތިބެ، އަމިއްލަވަންތަ އިޤްތިޞާދެއް ބައްޓަންކުރެވިދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީވެސް އެމަގުން ކުރިއަށްދިއުން ކަމަށާއި، ސަރުކާރުގެ ފަސްއަހަރު ނިމޭއިރު، އަދި މިހާރު ދަޢުލަތަށް ލިބޭ އާމްދަނީއާއި މާލީ ހިސާބުތަކަށް ބަލާއިރު ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ފަސްއަހަރު ނިމިގެންދާއިރު، އިޤްތިޞާދީ ގޮތުން ފުދުންތެރި، ދިވެހި އެންމެހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެކަން ކަށަވަރު ކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެފުރިހަމަ ގޮތުގައި ފައިދާވާގޮތަށް ލިބިދެވޭނެކަން ޔަގީންކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




