މިސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ވެގެންދާނީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން ކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލުކުރާ މަޝްރޫޢަށް ކަމުގައި. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" ނަމުގައި ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މައުޟޫޢުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މިސަރުކާރުގެ އެންމެ މުހިއްމު ވަޢުދު ކަމަށާއި، ބޯހިޔާވަހިކަމާ ނުލައި އިޖުތިމާޢީ މައްސަލައެއްވެސް އަދި އިޤްތިޞާދީ މައްސަލައެއްވެސް ހައްލު ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފުސިލަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު 13 ރަށެއްގައި 825 ހައުސިންގ ޔުނިޓު އެޅުމަށް ސޮއިކުރެވިފައިވާނެ ކަމަށާއި، އިތުރު މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެމަނިކުފާނު ރަށްރަށުގައި ވެވަޑައިގެންފައިވާ ކޮންމެ ވަޢުދެއް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ނިންމައި، ރައްޔިތުންނާ ހަވާލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މާލޭގެ ބޯހިޔާވަހިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރަތަމަ އަމާޒަކީ މި ސަރުކާރު ހަވާލުވިއިރު ފަށައި ނުނިމި ހުރި މަޝްރޫޢުތައް ނިންމައި ހަވާލުކުރުން ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެފްޑީސީގެ 4000 ފުލެޓު ލިބޭ 84 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ރަމަޟާންމަހުގެ ކުރިން ހުރިހާ ފުލެޓުތަކެއް ނިންމައި ހަވާލުކުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ ގޯތީގެ މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލެއާއި ގުޅިފަޅު ފަދަ ހިއްކާފައި އޮތް ބިންތަކުން ގޯތި ދެވިއްޖެ ކަމަށާއި، ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގައި ބިން ހިއްކާ ނިމުމުން ގޯތިދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށާއި، ގޯތި ދެއްވާނީ ހިކިފަސް ތަނުން ކަމަށެވެ. އެގޮތުން، މި ސަރުކާރުގެ އަމާޒަކީ ޑިސެންބަރުމަހު ހިއްކަން ފަށާ ބިންތައް އަންނަ އަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ހިއްކާ ނިމެންވާއިރަށް ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމުން ކަމަށާއި، އުންމީދަކީ 6 މަސް ދުވަސް ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން 15،000 ގޯތި ފުރަތަމަ ބުރުގައި ދެއްވާނެ ކަމަށާއި، 1250 އަކަފޫޓުގެ ޖުމުލަ 25،000 ގޯތި ރަސްމާލޭން ދެއްވުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބެންކް އޮފް މޯލްޑިވްސް އިން 3000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ފަށާފައިވާ ކަމަށާއި، ބޭރުގެ އެކި ޤައުމުތަކުގެ ދީލަތި އެހީގައި 4500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި، "ރެންޓް ޓު އޯން" މޮޑެލްގައި ކުރިއަށްގެންދަވާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ދެއްވާ 3 ކޮޓަރީގެ ފުލެޓުތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




