ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފާހަގަކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު، ފަލަސްޠީނުގެ ރައީސަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައާއި އަމިއްލަ ވަކި ދައުލަތެއް ޤާއިމުކުރުމަށް، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ރައީސް ތަޢުރީފު ކުރައްވާފައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމާއި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ. އަދި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އެއްބައިވަންތަކަމާއި ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ހަމަޖެހުމާއި އިންސާފު ހޯދުމަށް ކުރާމަސައްކަތަށް ދިވެހިރާއްޖެ އަބަދުވެސް ތާޢީދު ކުރައްވާނެކަން ހާމަކުރައްވައި، އެކުވެރިކަމާއެކު ހިއްސާކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމުގެ ދޭދޭ ގުޅުންތައް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




