ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަށް ސިޓީގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައިގެ ތަފްސީލު ދެއްވަމުން ހީނާ ވިދާޅުވީ، އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަކަމަަށެވެ.
މިމައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފަވާކަމަށާއި މިހާތަނަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ވަނީ ފުވައްމުލައް ސިޓީއަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން މިހާރު ވަނީ ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށެވެ.
އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރާނެކަމަށް ވިދާޅުވި އެވެ.
ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންކަމަށް ސަރުކާރުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




