ރާއްޖޭގައި މިހާރު ފެށިފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމައި ބޭނުންކުރެވެން ފެށޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕު ރާމް މޯހަން ނައިޑޫ ވިދާޅުވެއްޖެއެވެ.
ނައިޑު މިކަން ހާމަކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ، ކިންޖަރަޕު ރާމް މޯހަން ނައިޑުއަށް މަރުޙަބާ ވިދާޅުވެ، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށްޓަކައި އިންޑިއާގެ ސަރުކާރަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާ ކުރެއްވިއެވެ. ޚާއްސަކޮށް ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމަވައިދެއްވައި ހުޅުވުމަކީ ރާއްޖެ، ދުނިޔެއާއި ގުޅުވައިދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާ، ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓް އެއްބަސްވުމަކީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢު ތަކެއްގެ ބިންގާކަން ފާހަގަކުރައްވައި، މި މަޝްރޫޢުތައް ވަގުތައް ނިންމަވައި، އޭގެ ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދެއްވުމުގައި ވެސް އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޢިއްޒަކީ އިންޑިޔާ ކަނޑުގެ ތަރައްޤީގެ ވަރަށް މުހިއްމު ދެ ބައިވެރިން ކަމުގައެވެ. އަދި ރާއްޖޭގައި މިހާރު ފެށިފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމައި، ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




