ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ޑެބިޓް ކާޑުން އެ ބޭންކުގެ ކާޑު މެޝިންތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް މާޗަންޓް ފީގެ ގޮތުގައި ނަގާ ފީ 1 ޕަސެންޓް ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ބީއެމްއެލުން ބުުނެއެވެ.
އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު ތަޢާރަފުކުރި ފަހުން މިހާތަނަށްވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ %2.5 ގެ ސްޓޭންޑަރޑް ރޭޓެއްގައެވެ. މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މިއީ މިހާރު ބީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ މުހިންމު ބަދަލެއްގެ ގޮތުގައި ބީއެމްއެލުން ދެކެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އައު އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތަޢާރަފުކޮށްފައެވެ.
ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެއެވެ.
މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށްކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




