ހަވާއެރުވުމާއެކު ކުލަގަދަ ރަސްމިއްޔާތަކުން، ބޮޑުތިލަދުންމަތީގެ ތަރައްގީގެ ދޮރާއަށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިރޭ ހަނިމާދޫގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި އެއަރޕޯޓަށް ޖެއްސި ފުރަތަމަ، ނެރޯ ބޮޑީގެ އެންމެ ބޮޑު އެއަރކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާ ބޯޓެއްގަައި ރައީސްގެ ދެކަނބަލުން ހަނިމާދޫއަށް މިރޭވަޑައިގަތުމުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފަ އެވެ.
ހަނިމާދޫ އެއަރޕޯޓު މިރޭ ރައީސް ހުޅުވައިދެއްވުމާއެކު، ހަވާ އެރުވުމާއެކު ލައިޓް ޝޯއެއް ވެސް ކުރިއަށްގެންގޮސްފަައިވެ އެވެ. މި ރަސްމިޔާތުގައި ހަނިމާދޫ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްުޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ވެސް ބައިވެރިވެވަޑައިގަތެވެ.
މި އެއަރޕޯޓުގައި:
- 10،380 އަކަމީޓަރުގެ ޒަމާނީ ބޮޑު ޓާމިނަލެއް ހިމެނޭ
- ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށް
- އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖް ޤާއިމްކޮށްފައިވޭ
- ކާގޯ ޓާމިނަލެއް ހިމެނޭ
- މި އެއަރޕޯޓުން އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ
އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




