ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގައި އައު ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްފިއެވެ.
އަދި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުދޫގައި ބީއެމްއެލްގެ އައު ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅައިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ބޭންކިންގ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.
"އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް"، ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެއެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސަރވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދެމުން ދާއިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގައެވެ.
މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ސފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




