މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




