އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި ބޭންކާއި ވުޒާރާއާއި ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްއާއެކު ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާއަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ޞަފްޙާއެއްކަމަށާއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަޤުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން އެހީތެރިކަން ދެއްްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ. އަދި މިއީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޭންކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށައި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަޤުފް މަޝްރޫޢުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި ވުޒާރާގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކުގައި ޤައުމީ ބޭންކުގެ ގެ ޙައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށާއި މިއަދު ސޮއިކުރެވިގެންމިދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށެވެ.
މީގެ އިތުރުން އިސްލާމީ ފައިނޭންސް ދާއިރާ ކުރިއަށް ގެންދިއުމަށް ވަޒީރުގެ ފަރާތުން ލިބިގެންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝަރީފް ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކުރައްވާފައެެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުގެ ތެރެއިން މާލޭގައި ބިނާ ކުރާ ދާރުލް އަރްޤަމް މަޝްރޫޢު އާރުސީސީއާއި ހަވާލުކޮށް މި ހަފްތާގެ ތެރޭގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި ދެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




