ވ. އަތޮޅުގެ ވެރިކަން ކުރާ ފެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއްގެ ބިންގާ އަޅައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގައި، އެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހޮސްޕިޓަލުގެ ބިންގާ އަޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ފައްޓަވަ އެވެ. މިދިޔަ ދެ މަހު ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި ރަށްތަކުގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފެލިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ޕްރޮޖެކްތައް ހިންގުމާއި އޭޓީއެމް ފަދަ ހިދުމަތްތައް ސަރުކާރުން ފަށަނީ މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރަން މާލެއަށް ދާންޖެހޭ ސިޔާސަތު ބަދަލުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ރަށުގައި ހުރެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތެއް ހެދުމެވެ. އޭގެ ސަބަބުން ރައްޔިތުންގެ ޖީބުން ވަރަށް ބޮޑެތި ހަރަދުތަކެއް ސަލާމަތްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




