މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 810 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 774.5 މިލިޔަން ޑޮލަރެވެ. މިއަދަދު ނިމިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް އިތުރުވިއިރު، އޮގަސްޓު މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 810.05 މިލިޔަން ޑޮލަރެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މީގެ އިތުރުން އެ ހިސާބުތަކުން ދައްކާގޮތުގައި، ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 117.22 މިލިޔަން ޑޮލަރު އޮގަސްޓު މަހުގެ ނިޔަލަށް އެބަ ހުއްޓެވެ. ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް ކުރު މުއްދަތުތުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު އޮގަސްޓުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިގޮތުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު އޮގަސްޓު މަހުގެ ނިޔަލަށް ހުރީ 738.63 މިލިޔަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 688.24 މިލިޔަން ޑޮލަރުގައެވެ.
މިއަދަދަށް އައި ބަދަލާއެކު، ބޭނުން ކުރެވޭ ރިޒާވު ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




