ތިލަދުންމަތީ ދެކުނުބުރީ ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %86 މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ ކީވޯލް ޖެހުމުގެ މަސައްކަތްކަމަށާއި އެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށާއި އަދި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ފިނޭއަކީ އެ އަތޮޅުގައި އެންމެ ހަލުވިކަމާއެކު ތަަރައްޤީވަމުން އަންނަ އެއްރަށެވެ. އެރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ.
ފިނޭގައި މިހާރު ބޭނުންކުރާ ބަނދަރަކީ ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހު ތެރޭގައެވެ.
މިމަޝްރޫޢުގެ ދަށުން ފިނޭގައި 248 މީޓަރުގެ ބަނދަރެއް ތަރައްޤީކުރާނެއެވެ. ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47 މިލިޔަން ރުފިޔާއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




