އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް 3 ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
މި ކެމްޕޭންތައް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރޓ) އަހްމަދު ފަސީހްއެވެ.
އިމިގްރޭޝަނުން ލޯންޗުކުރި ”ހިނިތުންވުމާއެކު ހިދުމަތްދިނުން“ ކެމްޕޭނުގައި އަލިއަޅުވާލަނީ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެެވެ.
”ނަޒާހަތްތެރިކަން އިސްކުރަމާ“ ކެމްޕޭނުގެ މަގްސަދަކީ ތެދުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން ”އިންސާނިއްޔަތުކަން ދެމެހެއްޓުން“ ކެމްޕޭނުގައި އަލިއަޅުވާލަނީ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިހްތިރާމާއި، ހަމަހަމަކަމާއި، ގަދަރުވެރިކަމާއެކު މުއާމަލާތް ކުރުމުގެ މުހިންމުކަން ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް ފަސީހް ވިދާޅުވީ އިމިގްރޭޝަން އޮފިސަރުންނަކީ ގައުމުގެ މޫނުމަތި ކަމަށެވެ.
އެ އޮފިސަރުންނަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާނެ ފަރާތްތައް ކަމަށާއި އެ އޮފިސަރުން ދޭ ފެންވަރު ރަނގަޅު ހިދުމަތަކީ މުއައްސަސާގެ އަދި ގައުމުގެ އަގުވެސް ހިފަހައްޓަދޭނެ ކަމެއް ކަމަށް ފަސީހް ވިދާޅުވިއެވެ.
މިގޮތުން ދެވޭ ހިދުމަތުގެ ފެންވަރަކީ މުއައްސަސާގެ އަދި ގައުމުގެ އަގުވެސް ހިފަހައްޓަދޭނެ ކަމެއް ކަމަށް ފަސީހް ވިދާޅުވިއެވެ.
ފަސީހް ވިދާޅުވީ މިއަދު ފެށި އެ ކެމްޕޭންތަކުން ހަނދާންކޮށްދެނީ ނަޒާހަތްތެރިކަމާއި، އިހްތިރާމާއެކު، އަބަދުވެސް ހިނިތުންވުމާއެކު ޚިދުމަތްދިނުމުގެ މުހިންމުކަން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް