އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް މަޝްރޫޢު އިން އެހީތެރިވެދޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް ތައްޔާރުވުމަށް އިންޒާރުދޭ ނިޒާމެއް ގާއިމްކުރުމަށް މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ މި މަޝްރޫޢަކީ، ޑިޖިޓަލް މޯލްޑިވްސް އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ޤައުމީ ލަނޑުދަނޑިތަކާއި ގުޅިފައިވާ މަޝްރޫއު އެއްކަން ފާހަގަކުރައްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައިވާ ގޮތުގެ މަތިން، އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުއިން އެހީތެރިވެދޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
'މިއަދު އަޅުގަނޑުމެން މިނަގާ މުހިއްމު ފިޔަވަޅާއިއެކު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޓެކްނޮލޮޖީއަކުން އެކަނި އަދި ނުފުދޭނެކަން. މިސިސްޓަމުގެ ކާމިޔަބީ އޮތީ އަޅުގަނޑުމެން އެންމެގެ އަތްމަތީގަ. މިކަން ހާސިލު ކުރެވޭނީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމާއި، މުވައްޒަފުންގެ ޤާބިލު ކަން އިތުރުކުމަށް ދެވޭ ތަމްރީނުތައް އިތުރުކުރުމާއި މުޖުތަމަޢުގެ އެއްބާރުލުމުގެ މައްޗަށް. އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ހަދަންވީ މި ސިސްޓަމުގެ މަޤްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މަސައްކަތްކުރުމަށް. މި ސިސްޓަމަކީ ހަމައެކަނި ޓޫލަކަށް ނަހައްދަވައި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން. މިގޮތުން އަޅުގަނޑުމެންގެ މިނާޒުކު ތިމާވެއްޓަށް ކުރިމަތިވެދާނެ ކާރިސާތައް މަދުކޮށް، މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިތުރު އެހީއަކަށް ވެގެންދާނެ." ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވިއެވެ.
ފުވައްމުލަކުގައި ޤާއިމުކުރެވުނު ސިސްޓަމަކީ އަދި ޕައިލެޓް ސިސްޓަމެއްކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ ސިސްޓަމް ފަރުމާކުރެވިފައިވަނީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
އަދި މިއީ، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއް ކަމަށާއި މި ޕްލޭން އެކުލަވާލެވިފައިވަނީ ލާމަރުކަޒީ ގޮތުންނާއި، ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށްވެސް ސްޓޭޓް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ކުޑަ ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކަކީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ޤައުމެއް. މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްތައް ގިރުމާއި، އުދައެރުން ވަނީ އިތުރުވެފަ. މިފަދަ ކާރިސާތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގެ އެކި ހާލަތްތަކަށް އަސަރުކުރޭ. މިއަދު މި ޤާއިމު ކުރެވޭ މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ އިނގެރޭސިވިލާތުގެ ސަލްފޯރޑް ޔުނިވާރސިޓީއާ ގުޅިގެން އުފައްދާފައިވާ ސިސްޓަމެއް." ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ސިސްޓަމަކީ ކާރިސާއެއް ކުރިމަތިވުމުން އެ ހާދިސާއަކަށް ބިނާކޮށް ދުރާލާ ތައްޔާރީތައް ވުމަށް އެހީވެދޭނެ ސިސްޓަމެއް ކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް